* ގްރޭޑް
9
* މާއްދާ:
ދިވެހި
* ސުރުޚީ:
އަދަބީބަސް
* މަގުޞަދު:
ދެވިފައިވާ ސިޓީ ކިޔުމަށްފަހު މަދުވެގެން 10
އަދަބީބަސް ހޯދާ އެބަސް ބޭނުންކުރާނެ ހާލަތެއް ލިޔުން.
* ކުރިއަށް
ގެންދާނެގޮތް: ކުލާސް 5ކުދިންނަށްވުރެ
ގިނަ ނުވާގޮތަށް
ގުރޫޕް ބެހުމަށްފަހު ކޮންމެ ގުރޫޕަކަށް އަދަބީބަސް ހިމަނައިގެން ލިޔެފައިވާ ސިޓީ
ދިނުމަށްފަހު ، ގުރޫޕް މަޝްވަރާއަށްފަހު އެސިޓީއިން 10 އަދަބީބަސް ހޯދުމަށްފަހު އެބަސްބޭނުންކުރާނެ
ހާލަތެއް ލިޔުން. އެއަށްފަހު ކޮންމެ ގުރޫޕަކުންވެސް މުޅި ކުލާހަށް ހުށަހެޅުން.
* އެހީ:
c
ރަބީޢީ
ގއ.ގެމަނަފުށީ
އެކުވެރި ވިކާޝަށް
ހެޔޮދުޢާއި ސަލާމަށްފަހު ލިޔަމެވެ.
އެކުވެރިޔާއި އެކުވެރިޔާގެ ޢާއިލާ
ގަދަވެ ހެޔޮހާލުގައި ވާނެކަމަށް ހީކޮށް އުފާކުރަމެވެ. ނަމަވެސް އަހަރެންގެ ހާލު
މާކަރަނގަޅެއް ނޫނެވެ.
އެކުވެރި ވިކާޝްއެވެ. ވިކާޝް
ބުނިފަދައިން އަހަންނަށް މިވަނީ ވަރަށް ބޮޑުޅައެއްޗެއް އެޅިފައެވެ. އަހަރެންގެ ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށަންގެން
ގުޅުނު ދަނޑުވެސް ގެއްލިއްޖެއެވެ. އިށީންނާނެ ގަލެއް ނުބަލައި އުދުއްސައި ގަނެވުނު
މޮޔަ ހިތައް އަރާ، މިހާރު ލޮލުން ކަރުނު
އާދެއެވެ.
އެކުވެރިޔާއެވެ. ރަށަށް
އާދެވުނުއިރު މޫސުމްވަނީ ބަދަލުވެފައެވެ. ފައިން ދޮންވެލި ނުހިކަނީސް ނަސީބު
އަހަންނަށް ފުރަގަސްދީފިއެވެ. އަހަރެންގެ
ތެޔޮނާށި ކާޅު ޖަހައިގެން، ގެންގޮސްފިއެވެ، އެއީ މިހާރު ކުއްޅަވަށް ފަލުރައްޏެކެވެ. އަހަރެން އޭނައާއި
ދިމާއަށް އެއްޗެކޭ ބުންޏަސް އޭނާއަށް
ވައިފަތަކަށް އެރިރޯޅިއެކޭވެސް ހިއެއް ނުވެއެވެ. އަހަންނަށް މިވަނީ ދެމީދާފެހި ބުޅަލަށްވީ ވަރުވެފައެވެ.
އެކުވެރިޔާއެވެ. އޭނާއަކީ ފައްކާ ދެފުއްކެހެރިއެކެވެ. އެކަކަށް ލޯބީގެ
ދަޅަދައްކާފައި އަނެކެއްގެ އުގުފަޅު ފިލުވައިދޭ މީހެކެވެ. ކެނޑުމުގެ ކުރިން ވަކަރަށް ޖަހާށޭ އެއްދުވަހަކު ވިކާޝް ބުނި ހަނދާން އެބަހުއްޓެވެ.
ނަމަވެސް އެއީ ފައްކާ ރޯނުއެދުރެކެވެ. ހަވީރު ތުންފުއްސެކޭ އޭނާއެކޭ އެއްވެސް ތަފާތެއް ނެތެވެ. އެފަދަ މީހަކު ދެކެ
އިންތިހާއަށް ލޯބިވެވުނީތީ މިއަދު އަހަރެން ނިހާޔަތަށް ދެރަވެ ލަދުވެތި ވަމެވެ. ކޮޅުނެތް
ކޮޅަށް ހިތާމަކުރަމެވެ. އެހެންނަމަވެސް، އެހެންއެވީ އޭނާ އަހަރެންގެ ލޮލުގައި
އެޅުވި އަނދުނެއްގެ ސަބަބުންނެވެ. ލޯތްބަކީ ކަނުއެއްޗަކަށް ހަދާލުމުންނެވެ. ނަމަވެސް
ދެން ފެތުނު އޮޑީގެ ރިޔާދަށު ވިޔަސް އެކަހަލަ އަންހެނެއްގެ އަތްދަށުއެއް
ނުވާނަމެވެ. އެއީ ބޮޑުވަޅުދަށު ސައިބޯންޏެކެވެ. އަހަންނަށް ނުވިސްނުނު ތަންކޮޅަކީ
އެކަކުންޏެއްގެ ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުން ކަމުގައެވެ. ނަމަވެސް
ލަޑަޔާވާނީ ލަޑަޔާކަން މިހާރު އެގިއްޖެއެވެ. ވިދާހާ އެއްޗަކީ ރަނެއްނޫންކަށްވެސް
މިހާރު ގަބޫލު ކުރެވިއްޖެއެވެ. މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެއެވެ.
ގިނިދުއްމީހާ ރަތްމަލަށް ބިރުގަންނަފަދައިން މިހާރު އަހަރެންވެސް އޭނަދެކެ
ބިރުގަނެއެވެ. އޭނާގެ ބައިވެރިއަކީ ހަމަ އޭނަ ކަހަލަ ބޮޑު ކޫޑިއެކެވެ. ކެޔޮކޭވަރު
އެގޭނީ ބިތުފަންގިނަގާ ބަލާލީމަތާއެވެ.
އެކުވެރިޔާއެވެ. އަހަރެން
ދެރަކޮށްލާފައި އަދިވެސް އޭނާ ހިތްހަމަ ޖެހުނުހެނެއް ހީއެއް ނުވެއެވެ. އަހަންނަކީ
ދަނޑިދިގު އުދުޅިއެކޭ ނަގޫދިގު ބުޅަލަކޭ ކިޔައިގެން މުޅި ރަށުގެ ތެރޭގައި އަޑުތައް
އެބައަރުވައެވެ. އަޑެއްކީއްޔާ ރެދެއްލާނެކަން އެކުވެރިޔާއަށްވެސް އެގޭނެއެވެ.
ވުމާއިއެކު އެކަމުން އަހަރެންގެ މިނިކަމެތި ހިތައް ހާދައަސަރެއް ކުރައެވެ. އހަރެން
އެގޭދޮރުމަތިން ކުރާލި ކަނޑާލިއަސް އޭނާއަށް ހީވަނީ އޭނާހޯދަން މުގޯލި އަޅަނީ
ކަމަށެވެ. ފުޅަށް ބުޑުންދަންޏާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާލާފާނެހެންނެވެ.
އަހަރެންގެ މައިންބަފައިންނަކޭ ކިޔައިގެންވެސް ހާދައެއްޗެއްސެއް ކިޔައެވެ. އޭނަގެ
މައިންބަފައިންނަށް އޭނާރަންޏަކަށް ވިޔަސް އަހަރެންގެ މައިންބަފައިންނަށް އަހަރެން
ދޮންފުތެއް ނުވެއެވެ. އިރާދަކުރެއްވިއްޔާ ދެނެއް އަހަރެން މައިންބަފައިންގެ
ނުސިޔާރު ދަރިއަކަށް ނުވާނަމެއެވެ.
އެކުވެރި ވިކާޝްއެވެ. އަހަރެންނަށް
ލޯބިދަސްވެއްޖެއެވެ. ދުބުރިއެއް ކިތަންމެ ވަރަކަށް ދޮންއަނބަކަށް ހަދަން އުޅުނަސް
ނުހެދޭނެކަން އެގިއްޖެއެވެ. އެއީ ވައިނުޖެހޭތާކު ބޮޑުވެފައިއިން ޅޮސްގަހެކެވެ.
އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެވިއްޔައެވެ. ދެރައީ ބަލާނުލާ ފޫނެތްފަޔަކަށް
ފެންފުރުނީތީއެވެ. ދުނިޔެއަށް ރަނގަޅަށް ލޯހުޅުވުނުއިރު އަހަރެންނަށް މިވަނީ
ކޮޅުކެއްސެއް ލިބިފައެވެ. އެކަމަކުވެސް ބުނާތީ އަޑުއަހަމެވެ. މޫދުގައިވާ ގަލަކަށް
މަހެއް ވެއެވެ. އެހެންވީއިރު އަހަންނަށްވެސް އަދި ގޮތެއް ހުހެއްނުވާނެތާއެވެ.
އެކުވެރިޔާއެވެ. އެކަމަކު އޭނާ އަހަރެންނޭ ކިޔައިގެން ހާދައެއްޗިއްސެއް
ރަށުތެރޭގައި ކިޔައެވެ. އޭނާ ކިޔާއެއްޗިއްސެއް އަޑުއިވޭނީ ގިނައޮޅި
ގިރާކުރަވޭނަމައެވެ. ދުނިޔެ ހިނގަނީ އަބަދުވެސް ތޮށަލި ދުޅައަށެވެ.
އަޑިގަނޑަކަށްފަހު އުސްގނޑެއް އަންނާނެކަން ގަބޫލުކުރަމެވެ. އަބަދު
އަހަންނަކަށްވެސް މިއަވާމެންދުރެއް ނުފެންނާނެތާއެވެ. އެކަމަކުވެސް ތެދެއް
ބުނަންހެއްޔެވެ؟ ވަޅިކައްޓަފުޅިއެއް ދާންޏަކަށް ނުސިހޭނެއެވެ. ކަންވެ ނަންނުވިޔަސް
ކަންނުވެ ނަންވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އޭނާއަށް މިއަދު ބަންޑާރަ ހަސަނަށް
މޫދުހިތަކަށް ލިބުނުހެން ހިތުހުރިގޮތަކަށް އުޅެވިދާނެއެވެ. ގިތެޔޮއެޅި ގުޅިއަކުން
ވަހެއް ކުކެނޑޭނެ ވިއްޔާއެވެ. އެއްފުޅަންމަތިން ފުންމާލި ބަކަރި
އަނެއްފުޅަންމަތިންވެސް ފުންމާލާނެއެވެ. އޭނަގެ ޅަފުރާ ގެއްލުނީމާ ވައިއެޅޭނެ
މީހަކުވެސް ނުވާނެއެވެ. ނުކެކިހުރެ ބަތްތެއްޔެއް ދުންގަތީމާ އެއިންކާނޭ މީހަކު
ވާނެހެއްޔެވެ. އަމުދުން މިޒަމާނަކު ނުވާނެއެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ
މާބުރުގެ އުސޫލެވެ.
އެކުވެރިޔާއެވެ. އަހަރެންއެޅި
ބިންގާ ކެއްޗާހަމައަށް ނުނެގުނީސް އެބިންގާ އެޅުނީ ކަށްޗަށްކަން ވިސްނުނީތީ
ކޮޅުނެތްހާކޮޅަށް އުފާކުރަމެވެ. އޭނާ އަދި އަހަރެންގެ ހަފަތުން ނާށިގަނޑު
ދިއްކުރަމުން ދުވާނެކަން ޔަގީނެއެވެ. އެކަމަކުވެސް ނެގިގާގަނޑަކަށް ބޮއްޔެއް
ނާރާނެއވެ. އަހަންނަކީ ފެންކައްކާ ބޮއްޔެއްނޫނެވެ. މިވަރުން ތިޔައެކުވެރިޔާއަށް
އަހަރެންގެ ހާލުއެގޭނެކަމަށް އުއްމީދު ކުރަމެވެ. ތިޔައެކުވެރިޔާގެ ސިޓީއެއް ވަރަށްއަވަހަށް
ލިބޭނެކަމުގެ ފޮނިއުއްމީދުގައި ވަރަށް ސަލާމާއިއެކު ވަކިވެލީމެވެ.
އިހުތިރާމާއި އެކު ޝުކުރިއްޔާ!
29 މާޗް 2015
އަބަދުވެސް
އެކުވެރި
ވިނޭޝް
No comments:
Post a Comment